ބައެއް ރަށްރަށުގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލުތަކުން ބިން ހަވާލުނުކުރުމުގެ ސަބަބުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީގެ އާ އޮފީސް އިމާރާތް ހުޅުވަން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރާ އިދިކޮޅު އަދި ސިޔާސީ ބޭނުމެއްގައި ރައްޔިތުންނަށް ގެއްލުންވާ ކަންކަންކުރާ ކައުންސިލެއް އައިސްފިނަމަ، އެކަމުން ހުރަސް އެޅިގެންދަނީ ތަރައްގީއަށް ކަމަށެވެ.

އެކިއެކި މަޝްރޫއުތައް އެކިއެކި ދާއިރާތަކުން ކުރިއަށް ގެންދިއުމުގައި ދިމާވެފައި ހުރި ދަތިތަކަށް އެމަނިކުފާނު ބަލާލެއްވިކަމަށާއި ، މީގެ މަހެއް ދެމަހެއް ނޫނީ ތިންމަހެއް ކުރިން ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ފަށައިނުގަނަވެގެން އުޅެނީ ކީއްވެގެންތޯ ބަލާލިއިއިރު ކައުންސިލްތަކުން ބިން ހަވާލުކޮށްފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ގެއްލުންވަނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ އެއްބާރުލު ނުދިނުން ފަަދަ ކަންކަން ތަކުރާރުވާކަަށް ސަރުކާރުން ބޭނުންނުވާ ކަމަށެވެ.

އެ މަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލް އިންތިހާބަށްފަހު ވަރަށް ބާރަށް، މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށެވެ. އެކަކަން ކުރެވޭނީ ރައްޔިތުންނަށް ކޮންމެ ދުވަހަކު ހިދުމަތް ކުރުމަށް ރައްޔިތުން އިންތިހާބުކުރާ މީހުންގެ ފަރާތުން އެއްބާރުލުން ލިބިގެންކަމަށް ރައީސް ވިދާޅުވިއެވެ.