ޖުޑިޝަލް ސަރވިސްގެ ޤާނޫނުގެ ދަށުން މިއަހަރު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައިކޯޓުން ކަނޑައާޅާ ފަނޑިޔާރަކަށް އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު ހަމަޖައްސަވައިިފިއެވެ.

ޖުޑިޝަލް ސަރވިސް ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ފަނޑިޔާރުންނާއި ގުޅޭ ޝަކުވާގެ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުންގެ މައްސަލަތައް އިސްތިއުނާފްކުރުމަށްޓަކައި ޚާއްސަ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހެއް ކޮންމެ ޖުޑީޝަލް އަހަރަކަށް ކަނޑައަޅަންޖެހެއެވެ. އަދި އެކަން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢިއުލާންކުރައްވަންޖެހެއެވެ. މިޤާނޫނުގެ ދަށުން ހައިކޯޓުން މިއަހަރުގެ ފަނޑިޔާރުން އިސްތިއުނާފުގެ މަޖިލީހަށް އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު ހަމަޖައްސަވާފައިވާކަމަށް އެކޯޓުންވަނީ ހާމަކުރައްވާފައެވެ.

އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު ވަނީ 2005 ވަނަ އަހަރު އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާއިން ބެޗްލަރސް އޮފް ލޯ ޙާސިލްކުރައްވާފައެވެ. އަދި 2006 ވަނަ އަހަރު އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯ ޙާސިލްކުރައްވާފައެވެ.

ޙުޒައިފާ މުޙައްމަދަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެވުނު އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން ފަނޑިޔާރު ޙުޒައިފާ ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ. އޭގެކުރިންވަނީ ފެމިލީޓ ކޯޓާއި ޖުވެނައިލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. އެންމެ ފުރަތަމަ ފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރެވުނީ 2007 ވަނަ އަހަރުގައެވެ.

ފަނޑިޔާރުންގެ އިސްތިއުނާފުގެ މަޖިލީހުގައި 3 ފަނޑިޔާރުން ތިބެންޖެހޭނެކަމަށް ޤާނޫނުގައިވަނީ ބަޔާންކުރައްވާފައެވެ.