ކައުންސިލް އިންތިޚާބުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކެންޑިޑޭޓުން އިންތިޙާބުކުރުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކެންޑިޑޭޓުން އިންތިޙާބުކުރުން މުހިއްމުކަމަށެވެ.
އެގޮތުން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަކީ ވަރަށް މުހިއްމު އިންތިޚާބެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދެވުމަށް ރަށު ފެންވަރުގައި އަދި ސިޓީ ފެންވަރުގައިވެސް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިޚާބުކުރުން މުހިއްމުކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 2026 ވަނަ އަހަރަކީ އުމްރާނީ ތަރައްޤީގެ ރޮނގުންނާއި ބޯހިޔާވަހިކަމާއި ސިއްހަތާއި ތައުލީމާއި އިޤްތިޞާދީ ރޮނގުންވެސް ވަރަށް މުހިއްމު އަހަރެއްކަމަށެވެ. އަދި މި އަހަރު މުހިއްމު މަސައްކަތްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ތަރައްޤީގެ މަސައްކަތުގައި ރައްޔިތުންގެ މަންދޫބުންގެ ފަރާތުން އެއްބާރުލުން ލިބެންޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމަ މިއާއެކު ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކަކީ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޤާނޫނީގޮތުން ހަވާލުކުރެވިފައިވާ މަންދޫބުންކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނިޔަތުގައިކަމަށްވާނަމަ، އެއީ އެންމެ ރަނގަޅު ވިސްނުން ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.