ޑިޕްލޮމެސީއަކީ އަރައިރުމަކަށް ނުގޮސް ކަންކަން ހައްލުކުރުމުގެ ހުނަރެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވަނީ ލަންކާއިން ރާއްޖެއާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިންނާ މެދު ލަންކާއިން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ އިންޒާރު ވެސް ދީފައިވެ އެވެ.

މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ފައްޔާޒް ވިދާޅުވީ ޑިޕްލޮމެސީއަކީ ހުނަރެއް ކަމަށެވެ. އެއީ މޮޅަށް ވާހަކަދައްކަން، ނުވަތަ ޒުވާބުކުރަން އެނގުމެއް ވެސް ނޫން ކަމަށާއި އެއީ ބައިނަލްއަގްވާމީ މައިދާނުގައި އަމިއްލަ ގައުމުގެ މަސްލަހަތު ކުރިއެރުވުމަށް, ދެ ބައެއްގެ ދެމެދު ވާހަކަދައްކައި މަޝްވަރާކުރުމާއި، އަރައިރުންވުމަކަށް ނުގޮސް ސުލްހަވެރިކަމާ އެކު ކަންކަން ހައްލުކުރުމުގެ ހުނަރެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޑިޕްލޮމެސީއަކީ ދެ ފަރާތަށް ވެސް ގެއްލުން ނުވާނެހެން ކަންކަން ނިންމުމުގެ ހުނަރެއް ކަމަށެވެ.

މީގެ އިތުރުން، ރާއްްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ހާރިޖީ ސިޔާސަތު ކަމަށް ވިދާޅުވި އެވެ. އަދި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ދިފާއީ ރޮނގަކީ ފޮރިން ސާވިސް އަދި އެ ސާވިސްގެ ގާބިލުކަމާއި ހުޝިޔާރުކަމުގެ ހުނަރުކަން ފައްޔާޒް ފާހަގަ ކުރެއްވި އެވެ.

އެ ފޮރިން ޕޮލިސީ ވާން ޖެހެނީ ވީހާ ގިނަ ބަޔަކާ ނުޖެހި، ހާއްސަކޮށް އަވައްޓެރިންނާ ގުޅިގެން އުޅެވޭނެ ސިޔާސަތަކަށްކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ފޮރިން ސާވިސްއަށް އެ ދާއިރާގެ ތައުލީމު ލިބިފައިވާ މީހަކު ނޫނީ އައްޔަނު ނުކުރެވޭނެ ގޮތަށް ގާނޫނުގައި ކަނޑައެޅުމަށް ދެކިލައްވާ ކަމަށެވެ.

މި ސަރުކާރުގެ ކުރީކޮޅު ސަރުކާރުގެ މަގާމުތަކުގައި ތިބި ތިން މީހަކު އިންޑިޔާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލާގައި އެ ތިން މީހުންނަށާއި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާއެކު އެ ތިން މީހުން އެމަގާމުތަކުން ސަސްޕެންޑް ކުރި އެވެ. އެއީ މުސާރަ ހިނގާ ގޮތަށެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ތިބީ ސަރުކާރުގެ އެހެން ދެ ކުންފުނީގައި އިސް މަގާމުތަކުގަ އެވެ.

އެކަމުގެ ސަބަބުން ރާއްޖެއަށް އިންޑިޔާއިން އަންނަމުންދިޔަ ފަތުރުވެރިންގެ އަދަދު ވެސް މަދުވެގެން ދިޔަ އެވެ.

ލަންކާއަށް ސަފީރު އަމާޒުކުރެއްވި ބަހުގެ ހަމަލާތަކަކީ އަނެއްކާ ވެސް އެފަދަ ކަމެއްގެ ފެށުންތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.