ކޮންމެ މީހަކަށް ކޮންމެ ވަގުތެއްގައި ވެސް އެހީއަށް ބޭނުންވާފަދަ ހާލަތެއް ކުރިމަތިވެދާނެކަން ދެނެގަނެ ނާޒުކު ހާލަތްތަކުގައިވާ މީހުންނަށް އެހީވުމަކީ މުޅި މުޖުތަމައުއަށް އޮތް ހެވެއް ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމެންޓް ޑރ. އައިޝަތް ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއެކު ގެނެސްދޭ "ތަރުޖަމާނާއެކު" ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގައުމެއްގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެގައި އެންމެ މުހިއްމު ކަމަކީ އެ ގައުމެއްގައި އުޅޭ ނިކަމެތި އަދި އަޅާލުން ބޭނުންވެފައިވާ ނާޒުކު ހާލަތްތަކުގައި ދިރި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަކީ ނާޒުކު ހާލަތެއް ދިމާވެފައިވާ ފަރާތަކަށް ނާޒުކު ހާލަތެއް ދިމާވެފައިވާ ވަގުތުގައި އެހީތެރި ކަމުގެ އަތެއް ނޫނީ އެ ހާލަތުން ފަސޭހަކަން ހޯދުމަށް، ގޮތްތަކެއް ހޯދައިދިނުމުގެ ނިޒާމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު ގައުމެއްގައި ކޮންމެ މީހަކަށްވެސް މިފަދަ ހާލަތެއް ދިމާވެދާނެ ކަން ފާހަގަކުރައްވާ މިނިސްޓާ ވިދާޅުވީ އެހަކަލަ ހާލަތެއްގައި ހުރި ފަރާތަކަށް އެހީތެރި ވުމަކީ މުޅި މުޖުތަމައުއަށް ރައްކާތެރިކަން ލިބިގެންދާނެ ކަމެއްކަމަށެވެ.
އެގޮތުން އެހީ ފޯރު ކޮށް ނުދެވުމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ތައުލީމު އުގެނުމުގެ ފުރުސަތުތައް ބޮޑެތިވަމުން އަންނަ ކުދިންނަށް ގެއްލުން ކަމަށެވެ. ތައުލީމު އުނގެނުމުގެ ފުރުސަތުތައް ގައުމެއްގައި މަދުވާން ފަށައިފިނަމަ ބޮޑު ވަމުން އަންނާނީ ތައުލީމެއް ނެއް ޒުވާނުންތަކެއް ކަމަށެވެ.
އެކަމުގެ ސަބަބުން މުޖުތަމައުގެ އަމާންކަން ގެއްލިގެން ދިޔުމަށް މަގު ފަހިވެގެން ދާނެކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު އެހީތެރިކަން ފޯރުކޮށް ނުދެވިއްޖެ ނަމަ އެކަމުގެ ސަބަބުން މުޅި މުޖުތަމައު އަށް ގެއްލުން ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.