ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާތީ މިމަހުގެ 15 އިން ފެށިގެން އެ ހިދުމަތް ހުރިހާ ކްލިނިކްތަކުންނާއި އައިނު ފިހާރަތަކުން ލިބޭނެކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހާމަކޮށްފި އެވެ.

ލޮލުގެ މައްސަލަ ހުންނަ ފަރާތްތަކަށް އައިނު މުހިންމުވާއިރު، އައިނު ހެއްދުންވަނީ ބައެއް ހާލަތްތަކުގައި ޚަރަދުބޮޑު ކަމަކަށްވާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރެ އެވެ. އެކަމަށް ހައްލެއް ގެނައުމަށް އައިޖީއެމްއެޗްގައި ސަރުކާރުން އައިނު ފިހާރައެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ހުޅުވާފައިވެ އެވެ. މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ސަރުކާރުން މިހާރުވަނީ އައިނު ފިހާރައެއް ގާއިމްކޮށްފައެވެ.

އެންސްޕާއިން ބުނީ އާސަންދަ ސްކީމް ގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެތެރެއިން ޕްރިސްކްރިޕްޝަން އައިނު ހެއްދުމުގެ ޚިދުމަތް ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ބުނެ އެވެ.

އެންސްޕާއިން ބުނީ މިކަން ތަންފީޒުކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލާ އާންމުކޮށް މިމަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ޚިދުމަތް ފެށޭނެ ކަމަށެވެ.

އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީވެސް ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ.