ސްރީ ލަންކާ އާއި ރާއްޖޭގެ ގާތް ގުޅުން ދެމިއޮތުމަށް ބިނާކުރަނިވި މަޝްވަރާ މުހިންމުކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ލަންކާގެ އިމިގްރޭޝަން އަދި ހާރިޖީ ސިޔާސަތުތަކަށް އަމާޒުކުރެއްވި ފާޑުކިޔުންތަކަށްފަހު ނަމާލް ވަނީ މަސްއޫދާ ބައްދަލުކުރައްވާފަ އެވެ.
ބައްދަލުކުރެއްވުމުގެ ފޮޓޯތައް ހިއްސާ ކުރައްވާ ނަމާލް ވިދާޅުވީ ލަންކާއަކީ ދިވެހިންނަށް އެމީހުންގެ ދެވަނަ ދެ ފަދަ ތަނެއް ކަމަށެވެ. ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ބިނާކުރަނިވި މަޝްވަރާތައް އަބަދުވެސް މުހިންމުވާނެ ކަމަށް ވިދާޅުވި އެވެ.
ނަމާލް ވިދާޅުވީ ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުން މި ގުޅުން އާ ހަރުފަތްތަކަކަށް ގެންދެވޭނެ ކަމަށެވެ.
ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާ ކުރައްވާފައެއް ނުވެ އެވެ.
ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވަނީ ލަންކާއިން ރާއްޖެއާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިންނާ މެދު ލަންކާއިން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ އިންޒާރު ވެސް ދީފައިވެ އެވެ.
ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށެވެ.
ދިވެއްސަކު އަމިއްލައަށް ވިސާ އަށް އެޕްލައިކޮށްފި ނަމަ ވިސާ ލިބުމުގައި ދިގު މުއްދަތެއް ހޭދަވެ، އުނދަގޫތައް ކުރިމަތިވެ އެވެ. އެކަން އެގޮތަށް ކުރަނީ އޭޖެންޓުން ފަރާތުން އިމިގްރޭޝަން އޮފިޝަލުންނަށް މާލީ ފައިދާތަކެއް ކުރާތީ ކަމަށް ސަފީރު ތުހުމަތުކުރެއްވިއެވެ.