ޅ.ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭ ނިމި ބޭނުންކުރަން ފެށޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، (މިފްކޯ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަރުޙަތު ޝަހީރު ވަނީ އެކުންފުނިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ކޯލްޑް ސްޓޯރޭޖްގެ މަސައްކަތަކީ ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތަކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ. މި މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް މަސް ކިރޭނެއެވެ.

ފަރުޙަތު ޝަހީރު ވިދާޅުވީ، ފެލިވަރުގައި ހުރި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއަކީ ވަރަށް ޒަމާންވީ ކޭނަރީއެއްކަމަށާއި ފެލިވަރުގައި އައު ކޭނަރީއެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިހާރު ހުރި ކޭނަރީގެ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 40 އާއި 50 އާއި ދެމެދުގެ ޓަނުގެ ދަޅުމަހެވެ. ޝަހީރު ވިދާޅުވީ ކޭނަރީއާއިއެކު ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި މިއަހަރުގެ މެދުތެރޭ މިތަން ބޭނުންކުރަން ފެށޭނެކަމަށެވެ.

ކޯލްޑް ސްޓޯރޭޖާއިއެކު، 200 ޓަނުގެ ބްރައިން ފްރީޒިންއާއި 80 ޓަނުގެ އާރު.އެސް.ޑަބްލިއު ސިސްޓަމެއް ގާއިމުކުރެވޭނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.