ރަށެއްގެ ޚާއްޞަކަން ނުގެއްލޭނެހެން ތަރައްޤީ ގެނައުން މުހިންމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ބ. ދަރަވަންދޫއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ބޭއްވި "މަގޭ ދަރަވަންދޫ އެވޯޑު 2025" ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒިރު ވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރަންވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވަޒީރު އިތުރަށް ވިދާޅުވީ ކޮންމެ ރަށަކީވެސް ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށާއި، އެގޮތުން ދަރަވަންދޫއަކީވެސް ޤުދުރަތީ ގޮތުން ވަރަށް ގިނަ ސިފަތަކެއް ލިބިގެންވާ ރަށެއް ކަމަށެވެ.
ހަމަ މިއާއެކު ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތައް ތަރައްޤީ ކުރެވިގެންދާއިރު، އެ ރަށެއްގެ އަމިއްލަވަންތަ ކަމާއި، ތާރީޚީ އަދި ޤުދުރަތީ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ތާރު އެޅުމާއި، އެހެނިހެން ވަސީލަތްތައް ޤާއިމު ކުރާއިރުވެސް، ރަށުގެ ވެށި ޙިމާޔަތް ކުރުމަށް އިސްކަންދޭން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމަކީ ވަރަށް މުހިންމު ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ، ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން އެއްބާރުލުމާއެކު މަސައްކަތް ކޮށްގެން ކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރަށްތަކުގައި މިހާރުވެސް ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތަކަކީ، އެރަށެއްގެ ރައްޔިތުން އެދޭ ގޮތަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގައި ތާރު ނާޅައި، މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.