ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާޗް ގުޅިގެން، ދިވެހިރާއްޖޭގެ "ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދަނޑު ބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ހާލަތާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދަނޑުވެރިކަމާއި ގަސްގަހާގެހި އާލާކުރުމުގެ މުހިންމުކަން މި ސިޔާސަތުގައި ބަޔާންކުރެއެވެ. ޚާއްޞަކޮށް، ކަނޑޫފާތަކާއި، އަތިރިމަތީގެ ގަސްގަހާގެހި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށް ވުޒާރާއިން ބުނެ އެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާންކުރުމަކީ މި ސިޔާސަތުގެ ބޭނުމެކެވެ. މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ.

މި ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކުރާ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުން ހިމެނެއެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އޭގެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރެވޭނެއެވެ.

މި ސިޔާސަތު ތަންފީޒުވުމުން، ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރެވި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. އެހެންކަމުން، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށް ވުޒާރާއިން މައުލޫމާތު ދެ އެވެ.