ހަކުރު ގިނައިން އެކުލެވޭ ބުއިންތައް އަގު ހެޔޮވުމުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާނެ ކަމަށް ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ހަކުރު އެކުލެވޭ ބުއިންތަކުގެ އަގު ހެޔޮވަމުން އަންނަނީ، ގިނަ ގައުމުތަކުގައި އެ ތަކެއްޗަށް ކަނޑައަޅާ ޓެކްސް ރޭޓް އެއްގޮތަކަށް ވެސް މަތި ނުވާތީކަމަށެވެ.

މި ފަދަ ބުއިންތައް އަގު ހެޔޮ ވުމުގެ ސަބަބުން މީހުން މިތަކެތި ބޯ މިންވަރު އިތުރުވެ ފަލަވުމާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތަކާއި، ކެންސަރާއި، އެހެނިހެން ގެއްލުންތައް ލިބޭ ކަމަށް ބުނެފައިވެ އެވެ. މީގެ ގެއްލުން ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ކުރާކަން ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް ހަރުދަނާ ކުރުމަށް ސަރުކާރުތަކަށް ގޮވާލައިފަ އެވެ. އަދި ހަރުދަނާ ނޫން ޓެކްސް ނިޒާމުތަކުގެ ސަބަބުން ހަށިގަނޑަށް ގެއްލުންހުރި ތަކެތީގެ އަގު ދަށްކޮށް ހުންނަކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ އިން ބުނީ އެކަމުގެ ސަބަބުން ސިއްހީ ނިޒާމަށް މާލީ ގޮތުންވެސް ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށާއި އެކަމުގެ ސަބަބުން އަރައިނުގަނެވޭ ފަދަ ބަލިތަކާ ވެސް ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯ އިން ބުނީ ހަކުރު އެކުލެވޭ ބުއިންތައް ދުނިޔޭގެ މާކެޓްގައި އެތައް ބިލިއަން ޑޮލަރެއް ހޯދަމުން އަންނަ ކަމަށެވެ. ކުންފުނިތަކަށް މިފަދަ ސިއްހަތަށް ގެއްލުން ހުރި އުފެއްދުންތަކުން ބޮޑެތި އަދަދުތަކުން ފައިދާވި ނަމަވެސް ސަރުކާރުތަކުން އެ ފަދަ ކުންފުނިތަކާއި ވިޔަފާރިތަކުން ނަގަމުންދަނީ ކުޑަ ޓެކުހެއް ކަމަށާއި އެހެންކަމުން އާހިރުގައި ސިއްހީ ނިޒާމަށް ކުރާ ބާރު ނުވަތަ ބަލިތަކަށް ފަރުވާ ކުރުމަށް ކުރާ ހޭދަ ކުރަން ޖެހެނީ އާންމު ފަރުދުންނަަށް ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން މާލީ ގޮތުން ވެސް އެފަދަ ކުންފުނިތަކަށް ބޮޑަށް ފައިދާވެ އާންމުންނަސް ގެއްލުންވާ މިންވަރު ބޮޑުކަމަށް ބުނެފައިވެ އެވެ.

އެކި ރިޕޯޓުތަކާ ހަވާލާ ދީ ޑަބްލިއުއެޗްއޯ އިން ބުނީ މަދުވެގެން 116 ގައުމުގައި ހަކުރު އެކުލެވޭ ބުއިންތަކަށް ޓެކްސް ނަގާ ކަމަށެވެ. އަދި މީގެ ތެރޭގައި ގިނައީ "ސޯޑާ" ނުވަތަ ފިޒީ ޑްރިންކު ކަމަށް ބުނެފައިވެ އެވެ. އެނޫނަސް، 100 އިންސައްތަ ފުރުޓް ޖޫސް، ކިރުގެ ބާވަތްތައް، ރެޑީ ޓު ޑްރިންކް ކޮފީ ނުވަތަ ސައި، ފަދަ ބުއިންތަކަކީ ގިނަ އަދަދެއްގެ ހަކުރު އެކުލެވޭ ބުއިންތައް ކަމަށް ވިޔަސް އެ ތަކެއްޗަށް ޓެކްސް ނުނަގާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

97 އިންސައްތަ ގައުމުތަކުގައި އެނާޖީ ޑްރިންކް ތަކަށް ޓެކްސް ނަގާއިރު، 2023 ވަނަ އަހަރުގެ ގްލޯބަލް ރިޕޯޓަށްފަހު އެ ޓެކްސް ނަގާ އަދަދަށް ބަދަލެއް އައިސްފާނުވާކަމާށް ޑަބްލިއުއެޗްއޯ އިން ފާހަގަކުރެއެވެ.

ހަކުރު އެކުލެވޭ ބުއިންތަކާއި ބަނގުރައިން ނަގާ ހެލްތު ޓެކްސްގެ އަގުތައް ސަރުކާރުތަކުން ބޮޑުކޮށް އާންމުންގެ ސިއްހަތާއި ފުރާނަ ސަލާމަތްކުރުމަށް ސަރުކާރުތަކަށް ޑަބްލިއުއެޗްއޯއިން އިލްތިމާސް ކޮށްފައިވެ އެވެ.