މިއަހަރުގެ ފުރަތަމަ ކުއަރޓާރުގައި ރާއްޖެ އިޝްތހާރުކުރުމަށް ބޭރުގެ 5 މައުރަޒެއްގައި ބައިވެރިވާން ނިންމައި އެކަމަށް ތައްޔާރުވެފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، (ވީއެމްސީން) ބުނެފިއެވެ.
މިއަހަރު ފުރަތަމަ ކުއަޓާގައި ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ހަރަކާތްތަކުގައި ބައިވެރިވުމުގެ މަޤުސަދަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ފުޅާ މާކެޓުތައް ދެމެހެއްޓުން ކަމަށެވެ.
މިއަހަރު ދުނިޔޭގެ ފެންވަރުގައި ބާއްވާ ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ބައިވެރިވާނީ މިމަހުގެ 21 އިން 25އަށް ސްޕެއިންގެ މެޑްރިޑްގައި ބާއްވާ "ފިތޫރު 2026"ފެއަރގައެވެ. އަދި މިމަހުގެ 24 އިން 26ށް އެމެރިކާގެ ނިއުޔޯކްގައި ބާއްވާ "ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯ"ގައި ބައިވެރިވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ދެ ހަރަކާތުގެ އެހީގައި ވިލާތާއި އުތުރު އެމެރިކާގެ މާކެޓްތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާ ކުންފުނިން ބުނެފައިވެއެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިންޑިއާގެ ނިއުދިއްލީގައި ބާއްވާ "ސާޓޭ 2026" ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާނެއެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 25 އިން 27 އަށެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލާނީ މާޗް 3 އިން 5 އަށް ޖަރުމަނުވިލާތުގެ ބަރލިންގައި ބާއްވާ، ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ "އައިޓީބީ ބަރލިން 2026" ގައި ބައިވެރިވެގެންނެވެ. މިއީ ޓުއަރ އޮޕަރޭޓަރުންނާއި، އެއަރލައިންތަކާއި، މީޑިއާ އަދި ވިޔަފާރީގެ ބައިވެރިންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ވީއެމްސީން ވަނީ ބުނެފައެވެ. މީގެ އިތުރުން، މާޗް 11 އިން 13އަށް ރަޝިއާގެ މޮސްކޯގައި ބާއްވާ "މިޓް މޮސްކޯ"ގައި ބައިވެރިވެ، ރަޝިއާ އަދި ކޮމަންވެލްތް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއެސްއައި) ރީޖަންގެ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ވީއެމްސީން ވަނީ ރާވާފައެވެ.