މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސްކަމުގައިވާ ޤަތަރުގައި ހުންނަ އަލް އުބައިދުން ބައެއް މީހުން މަދުކުރަނީ ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް ޤަތަރުން ބުނެފިއެވެ.
އިރާނުގައި ކުރިޔަށްދާ މުޒާހަރާތަކާއެކު އިރާނަށް ހަމަލާދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ދެމުންދާއިރު އިރާނަށް އެމެރިކާއިން ހަމަލާދީފާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެއާއެކު އިރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭނެކަމުގެ އިންޒާރުދީފައެވެ.
މިއާއެކު މިއަދު ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އިން މީހުން މަދުކުރަން އަންގާފައިވާކަމަށް މީޑިޔާތަކުގައި ރިޕޯޓްކުރުމުން ޤަތަރުން ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ޤަތަރުން ބުނެފައިވަނީ ބޭސް އިން މީހުން މަދުކުރަނީ އެސަރަހައްދުގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންކަމަށެވެ. އެގޮތުން ޤަތަރުގެ ރައްޔިތުންނާއި ޤަތަރުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މިވަގުތު ޤަތަރުން އެންމެ އިސްކަމެއްދޭކަމެއްކަމަށް ވަނީ ބުނެފައެވެ.
އަދި މިއީ ޤަތަރުގެ މުހިންމު އިންފްރާސްޓްރަކްޗަރ ތަކާއި އަސްކަރީ ތަންތަން ސަލާމަތްކުުރުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށްވެސް ވަނީ ބުނެފައެވެ.
ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްގައި 10،000 އެއްހާ އެމެރިކާ ސިފައިން ތިބެއެވެ. ރޮއިޓަސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަސްކަރީ ބޭސް އިން މީހުން މަދުކުރަން އެންގީ ކޮން ސަބަބަކާ ހުރެކަން ސާފުނުވާކަމަށް އެކަމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ބުނެފައިވާކަމަށެވެ. އަދި އެއީ ބޭސް ހުސްކުރަން އެންގި އެންގުމެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.
އަނެއްކޮޅުން އިރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެމެރިކާއިން ދީފާނެ ހަމަލާއަކަށް އިރާނު އޮތީ ތައްޔާރަށްކަމަށް ބުނެފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިސްރާއީލާއި އިރާނާ ދެމެދު ކުރިޔަށްދިޔަ 12 ދުވަހުގެ ހަނގުރާމައިގައި އެންމެ ފަހުން އެމެރިކާއިން އިރާނަށް ހަމަލާދިނުމުން އިރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަށް ހަމަލާދީފައެވެ. އިރާނުން ބުނަމުން އަންނަނީ 12 ދުވަހުގެ ހަނގުރާމައަށްވުރެ ވަރުގަދައަށް އެގައުމު މިހާރު ތައްޔާރުވެފައިވާކަމަށެވެ.