އިރާނާއެކު ވިޔަފާރީގެ ގުޅުން ބާއްވާނަމަ އެގައުމަކަށް 25 އިންސައްތައިން ޓެރިފް އަޅާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދީފައިވަނިކޮށް އެކަމަށް ފަރުވާލެއް ނެތްކަމަށް ރަޝިޔާއިން ބުނެފިއެވެ.

އިރާނާއެކު އެންމެ ބޮޑަށް ވިޔަފާރީގެ ގުޅުން ބާއްވަމުން އަންނަ ގައުމަކީ ޗައިނާއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު އިރާނާއި ޗައިނާ އާ ދެމެދު 13 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ވަނީ ކޮށްފައެވެ. އެހެންކަމުން އެފިޔަވަޅަކީ ޗައިނާ އާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

މިހާރުވެސް އެމެރިކާއިން ވަނީ ޗައިނާއަށް 20 އިންސައްތައިގެ ޓެރިފް އަޅާފައެވެ. އެހެންކަމުން އިރާނާއެކު ވިޔަފާރީގެ ގުޅުން ބާއްވައިގެން ޓެރިފް އަޅާ މިންވަރު 25 އިންސައްތައަށް އިތުރުކުރާނަމަ އެއީ 45 އިންސައްތައިގެ ޓެރިފެއް އެމެރިކާއިން އިރާނަށް ކަނޑައެޅުމެވެ.

އެކަމާ ގުޅިގެން ޗައިނާއިން ބުނެފައިވަނީ އެގައުމާއި ގާތްގުޅުން އޮންނަ ގައުމުތައް ހިމާޔަތްކުރާނެކަމަށެވެ. އަދި އެއްވެސް ބަޔަކު ޓެރިފް ހަނގުރާމައިން މޮޅުނުވާނެކަމަށް ވަނީ ބުނެފައެވެ. ޗައިނާއިން އެމެރިކާގެ ބިރު ދެއްކުންތަކަށް އިޖާބަ ނުދޭނެކަމަށް ބުނެފައިވަނިކޮށް ރަޝިޔާއިންވެސް މިވަނީ އެމެރިކާގެ އިންޒާރުތަކަށް ބޯނުލަބާނެކަމަށް ބުނެފައެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގޭ ލޮވްރޮވް ވިދާޅުވީ އިރާނާއި ރަޝިޔާ އާ އޮތް ގުޅުން އެހެން ގައުމަކަށް ކަނޑުވާނުލެވޭނެކަމަށެވެ. އަދި އެމެރިކާއިން މިހާރު އަމަލުކުރަމުން އަންނަ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގައި އެތައް އަހަރެއް ވަންދެން ގާއިމުކޮށްފައިވާ ގުޅުންތައް ހީނަރުވަމުން އަންނަކަމަށް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ޤާނޫނުތަކާއި ގައުމުތަކަށް އިހުތިރާމްކުރުމުގެ ސަގާފަތް އެމެރިކާގެ އަމަލުތަކާއެކު ނިމުމަކަށް އަންނަނީކަމަށް ވިދާޅުވިއެވެ.