ކުޑަކުދިން ބޮޑެތިވަމުން އަންނަނީ އެ ކުދިންނައް ރައްކާތެރި އަދި އެ ކުދިންގެ ކުރިއެރުމަށް މަގުފަހިވާ މާހައުލެއްގައިކަން ރާއްޖެއިން ކަށަވަރުކުރާނެކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން، 2021 ވަނަ އަހަރު ރާއްޖެއިން ހުށަހަޅާފައިވާ ޕީރިއޮޑިކް ރިޕޯޓު، އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ކޮމިޓީ) އިން ރިވިއުކުރުމަށްޓަކައި ބޭއްވި ރިވިއު ސެޝަންގައި ރާއްޖެއިންވަނީ ބައިވެރިވެފައެވެ.

އެ ރިވިއުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ ވެރިޔާގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށާއި، ކޮންމެ ކުއްޖެއްވެސް ބޮޑުވަނީ ކަރާމާތާއި، ރައްކާތެރިކަން ލިބިގެން، ކަންކަމުގައި އެކުދިން ދެކޭގޮތް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކުރުމަކީ ރާއްޖެއިން އިސްކަންދޭކަމެއް ކަމަށެވެ.

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާއަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ސިޔާސަތުތަކާއި، ތަރައްގީގެ މަސައްކަތްތަކަށް މަގުދައްކައިދޭ މުއާހަދާއެއްކަމަށާއި ކަމާބެހޭ ނިޒާމުތައް ހަރުދަނާކޮށް، ކުޑަކުދިންނަށް ރައްކާތެރި، އެކުދިންނަށް އިހުތިރާމްކުރާ، އަދި އެކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލުތައް ހޯދައިދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް އުޝާމް ވިދާޅުވިއެވެ.

މި ރިވިއުގައި، މުއާހަދާ ތަންފީޒުކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރި ސުވާލުތަކަށް ރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ. ރާއްޖެއިން މި މުއާހަދާގައި ބައިވެރިވެފައިވަނީ 11 ފެބުރުވަރީ 1991 ގަ އެވެ.