އިރާނަށް ހަމަލާދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވެއްޖެ ހާލަތެއްގައި ހަމަލާދެވޭނެ ތަންތަން ޕެންޓަގަންއިން ޓްރަމްޕް އިން ހުށަހަޅާފައިވާކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ނިއު ޔޯރކް ޓައިމްސް އިން ބުނެފިއެވެ.
ނިއު ޔޯރކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެންޓަގަން އިން ހުށަހެޅި ތަންތަނުގެ ތެރޭގައި އިރާނުގެ ނިޔުކުލިއަރ ޕްރޮގްރާމާއި ގުޅުންހުރި ސައިޓްތަކާއި ބެލަސްޓިކް މިސައިލް އުފައްދާ ސައިޓްތައް އޭގެތެރޭގައި ހިމެނެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިރާނާއި އިސްރާއީލާ ދެމެދު ކުރިޔަށްދިޔަ 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ވަނީ އިރާނުގެ ތިން ނިޔުކުލިއަރ ސައިޓަކަށް އަމާޒުކޮށް ހަމަލާދީފައެވެ.
ޕެންޓަގަންއިން ދެން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނެނީ އިރާނުގެ ސަލާމަތާއި ގުޅުންހުރި ތަންތަން ހަމަލާދިނުމާއި ސައިބަރ އެޓޭކް ދިނުމެވެ.
ނިއު ޔޯކް ޓައިމްސް އިން އިތުރަށް ބުނެފައިވަނީ އެމެރިކާގެ ހަމަލާ އިރާނަށް އަމާޒުވާން އަދި ދުވަސްތަކެއް ނަގާފާނެއެވެ.
އެމެރިކާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނީ މެދުއިރުމަތީގައި އެމެރިކާގެ ނޭވީގެ މިސައިލުން ހަމަލާދޭ ތިން މަނަވަރު އެބައޮތްކަމަށާއި އޭގެތެރޭގައި މިފަހުން ރަތް ކަނޑުގައި އޮތް ރޫޒްވެލްވެޓްވެސް ހިމެނޭކަމަށެވެ.
މީގެއިތުރުން އެސަރަހައްދުގައި މިސައިލް ފޮނުވާ އެއް ސަބްމެރިންވެސް ހަރަކާތްތެރިވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
އެމެރިކާއިން އިރާނަށް ހަމަލާދޭން އުޅޭކަމުގެ ނިޝާންތައް ފެންނަމުންދާއިރު އިރާނުން ތަކުރާރުކޮށް ބުނަމުން އަންނަނީ އެމެރިކާއިން އިރާނަށް ހަމަލާދީފިނަމަ ރައްދު ހަމަލާދޭނެކަމަށެވެ.