ބ. ފެހެންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި އެ ރަށުގައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމުން އަހަރަކު 1 ލައްކައަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ފެހެންދޫގައި 250 ކިލޯވޮޓް ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓައިކް (PV) ނިޒާމަކާއި، 537 ކިލޯވޮޓް އަވަރ (kWh) ގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) އިންސްޓޯލް ކުރެވޭނެއެވެ. މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ކަރަންޓު ވިއުގަ ހަރުދަނާކޮށް، ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރާސާވާ މިންވަރު ކުޑަކުރުމެވެ.
މި ނިޒާމު އަމަލީ ގޮތުން ބޭނުންކުރަން ފެށުމާއެކު، ފެހެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބަދަލާއެކު އަހަރަކު ގާތްގަނޑަކަށް 117,697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 288 ޓަނުގެ އެމިޝަން މަދުކުރެވިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. ރައީސް ޑރ.މުޢިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.