7 ދުވަސް ތެރޭ 67 އެކްސިޑެންޓު ރިޕޯޓް ކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސްސާވިސް އިން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން އާންމުކޮށްފައިވާ ތަފާސް ހިސަބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖަނަވަރީ ހަތަރަކުން ފެށިގެން ދިހައަކަށް މާލެ، ބުރިޖު އަދި ހައިވޭ ހިމެނޭހެން 67 އެކްސިޑެންޓު ހިނގައިގެން ވަނީ ރިޕޯޓްކޮށްފައެވެ.
މި އެކްސިޑެންޓުތަކުގެ 69 އިންސައްތަ ހިނގާފައިވަނީ ދުވާލުގެ ވަގުތުގައިކަން ތަފާސް ހިސާބުތަކުން އިނގެއެވެ. މިއީ އަދަދުން ބަލާނަމަ 46 އެކްސިޑެންޓެވެ. އަދި އެކްސިޑެންޓުތަކުގެ 31 އިންސައްތަ ނުވަތަ 21 އެކްސިޑެންޓު ހިނގާފައިވަނީ ރޭގަނޑުގެ ވަގުތުގައި ކަން ފަހަގަކުރެވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ މާލެގައެވެ. އެގޮތުން މާލޭގައި 84 އިންސައްތަ އެކްސިޑެންޓުތައް ވަނީ ހިނގާފައެވެ. އެއީ އަދަދުން ބަލާނަމަ 56 އެކްސިޑެންޓެވެ. އަދި ބުރިޖު އާއި ހައިވޭ ގައި 16 އިންސައްތަ ނުވަތަ 11 އެކްސިޑެންޓު ހިނގާފައިވާކަން ފާހަގަކުރެވެއެވެ.
ތަފަސް ހިސާބުތަކުން ދައްކާ ގޮތުގައި މި އެކްސިޑެންޓުތަކުގެ ތެރެއިން ނުރައްކާތެރި 1 އެކްސިޑެންޓު ހިނގާފައިވާއިރު، 66 އެކްސިޑެންޓަކީ ކުދި އެކްސިޑެންޓުތައްކެވެ.
ދުވާލެއްގެ މައްޗަށް ހިނގާފައިވާ އެކްސިޑެންޓުތަކަށް ބަލައިލާއިރު، ޖަނަވަރީ 4 ގައި 7 އެކްސިޑެންޓު، ޖަނަވަރީ 5 ގައި 11 އެކްސިޑެންޓު، ޖަނަވަރީ 6 ގައި 13 އެކްސިޑެންޓު، ޖަނަވަރީ 7 ގައި 12 އެކްސިޑެންޓު، ޖަނަވަރީ 8 ގައި 8 އެކްސިޑެންޓު، އަދި ޖަނަވަރީ 9 ގައި 7 އެކްސިޑެންޓު ހިގާފައިވާއިރު ޖަނަވަރީ 10 ގައި ވަނީ 9 އެކްސިޑެންޓު ހިނގާފައެވެ.
ފުލުހުން ވަނީ އުޅަނދު ދުއްވުމުގައި މަގަށް ސަމާލުވުމަށާއި މަގު މަތީގެ ގަވައިދުތަކާ އެއްގޮތަށް އުޅަނދުތަށް ދުއްވުމަށް އިލްތިމާޒުކޮށްފައެވެ.