ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަބުރަށް ދަރިވަރުން މިއަދު ފުރައިފިއެވެ.

ފަންނީ ތަމްރީނުގައި ބައިވެރިވުމަށް މިއަދު ފުރި މި ދަރިވަރުންނަކީ 2025 ޑިސެންބަރު 28 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި މި ތަމްރީނަށް ޝައުގުވެރިކަން ފާޅުކުރި ދަރިވަރުންނެވެ.

ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ބ.ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒުގައެވެ. ބ.ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒަކީ، އެރަށުގައި ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން ގާއިމްކުރި "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ" އެވެ.

މި ސެންޓަރު ސަރުކާރަށް ހަދިޔާކުރެއްވުމުން އެއީ ސިފައިންގެ ތަމްރީން މަރުކަޒެއްގެ ގޮތުގައި، ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މިމަރުކަޒުގައެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުން 344 ދަރިވަރުން ދަސްވެނިވީ މިދިޔަ މަހުގެ 28ވަނަ ދުވަހެވެ.

މި ތަމްރީނުގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއިން 50 ފިރިހެން ދަރިވަރުންނާއި 16 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 66 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ތަމްރީނަށް ދަރިވަރުން ފުރިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ތަމްރީނުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތުލިބިގެން ދާނެކަމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.