އަންނަ އާދިއްތަ ދުވަހުގެ ކުރިން ހުޅުމާލެ ފަޅުތެރޭގައި ފައިބަރު މަސައްކަތްތައް ހުއްޓާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.

އެޗްޑީސި އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ހުޅުމާލެ ފަޅުތެރޭ އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުން އަންނަ ކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެކަމުގެ ސަބަބުން ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަން ފާހަގަކޮށް، ފަޅުތެރޭ ފައިބަރުގެ މަސައްކަތްކުރުމަކީ މަނާ ކަމެއް ކަމަށް، އެޗްޑީސީން ބުނެފައިވެއެވެ.

އެހެންކަމުން 18 ޖަނަވަރީ ވާ އާދިއްތަ ދުވަހުގެ ކުރިން ހުޅުމާލެ ފަޅުތެރޭ ފައިބަރުގެ މަސައްކަތްކުރުން ހުއްޓާލުމަށާއި، އެ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް މަސައްކަތް ބަދަލުކުރަން އެޗްޑީސީން ވަނީ އަންގައިފައެވެ.

އެ ދުވަހުގެ ކުރިން ފައިބަރުގެ މަސައްކަތްކުރުން ހުއްޓާނުލައިފިނަމަ، ކަނޑުމަތީ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނާނެ ކަމަށް، އެ ކޯޕަރޭޝަނުން މައުލުމާތުދެއެވެ.

އެޗްޑީސީން މިފަދަ އިއުލާނެއް މިއަދު ކުރިއިރު، ވިލިމާލޭ ރައްޔިތުން ފައިބަރު މަސައްކަތް ކުރުމަށް، ހަ މަސްދުވަހުގެ ތެރޭގައި ތިލަފުށިން ޖާގަ ދޫކުރަން ފަށާނެކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖެނުއަރީ 6، 2024ގައި ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، އެމަސައްކަތަށް އެކަށީގެންވާ ބިމެއް ތިލަފުށީން ހަމަޖެއްސުމަށް ސަރުކާރުގައި އެދުމާއި، ތިލަފުށިން ބިމެއް ހަމަޖެހެންދެން ވިލިމާލޭގެ ހުޅަނގު ފަރާތުގައި އެކަށީގެންވާ ހަރުގެއެއް ޤާއިމުކޮށް، އެ ތަނުގެ މަސައްކަތް ރެގިއުލޭޓުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ވަނީ 2022 ވަނަ އަހަރު ރައީސް މުއިއްޒު މާލެގެ މޭޔަރަކަށް ހުންނެވި އިރު ނިންމާފައެވެ.