އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު، 2026 ޖަނަވަރީ 15 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި އިންތިޚާބާބެހޭ މަރުކަޒުގެ ހޯލުގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މި ކޮމިޓީއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބާގުޅޭ ލަފާހޯދުމަށާއި މަޝްވަރާކުރުމަށް އެކުލަވާލެވިފައިވާ ކޮމިޓީއެއްކަމށް އީސި އިން މައުލުމާތުދެއެވެ.

މި ކޮމިޝަނުގެ އިތުރުން، ދަޢުލަތުގެ އެކި މުއައްސަސާތަކާއި، މިނިވަން މުސްތަޤިއްލު ކޮމިޝަންތަކާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން މިކޮމިޝަނުން ކަނޑައަޅާފައިވާ 2 ޖަމްއިއްޔާއަކުން ޖުމްލަ 32 މެންބަރުން މި ކޮމިޓީގައި ބައިވެރިވާނެކަމަށް އިސި އިން ބުނެއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅޭ މުހިންމު މައުލޫމާތު ޙިއްސާކޮށްފައިވާނެކަން ފާހަގަކޮށް އީސީ އިން ބުނީ އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މަޝްވަރާތަކުގައި އެކަކު އަނެކަކަށް އިޚްތިރާމްކުރުމަށާއި ބައްދަލުވުމުގެ މަޤްސަދާއި އިންތިޚާބު އޮންނަ ތާރީޚާއި ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދީފައިވާނެކަމަށެވެ

މީގެ އިތުރުން ކެންޑިޑޭޓުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމުގައި އަމަލުކުރަންވީ ގޮތާއި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި ޓެމްޕްލޭޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދީ، މިކަމަށް ރަޖިސްޓަރީވުމުގެ މުހިންމުކަމާއި ރަޖިސްޓަރީކުރުމަށް އަމަލުކުރަންޖެހޭ ގޮތާގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައިވާނެކަމަށް އީސީ އިން މައުލޫމާތުދެއެވެ.

އެ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވާނެ ތާރީޚު ފަހުން އަންގާނެ ކަމަށް ވެސް އީސީ އިން ބުނެއެވެ.

ބެލޮޓް ޕޭޕާ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ހުންނަ، ވޯޓު ކަރުދާހުގައި ވަގުތީ ގޮތުން ހަރުކޮށްގެން ލޯފަން މީހުންނަށް ވޯޓު ލެވޭ ގޮތަށް ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. މި ޓެމްޕްލޭޓަކީ އެތެރެ ފެންނާނެހެން ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ޑިވައިސްއެކެވެ.