ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑު އެހުމެއް ހައިކޯޓުގައި އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ޔާމިނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑު އެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލައިގެ ބެންޗު މިހާރުވަނީ ބަދަލުކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު ބަދަލުވީ، އެ މައްސަލައިގެ ރިޔާސަތު ކުރިން ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން ޝަހީދުގެ ބަދަލުގައި އަބްދުﷲ ޖަމީލް މޫސާ ހިމެނުމުންނެވެ. ޝަހީދުއަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.
މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ތެރެއިން އުފަންވި މައްސަލައެއްގެ އިސްތިއުނާފު އަޑު އެހުމެކެވެ.
އެންމެ ފަހުން މި މައްސަލައިގެ އަޑު އެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެެވެ.