ކައުންސިލް އިންތިހާބު ވެގެންދާނީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެމްޑީޕީން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ އިންތިހާބަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ކުރިއަށްގެންދިޔަ ޕްރައިމަރީގައި ވޯޓުލެއްވުމަށް ފަހު ރައީސް ޞާލިހު ވަނީ ނޫސްވެރިންނާ ވާހަކަފުޅުދައްކަވައިފަ އެވެ.

އެމްޑީޕީއަށް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ކިހާ އުންމީދެއް އެބަ އޮތްތޯކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ ސަރުކާރުން ދަތިތަށް ކުރިމަތިކުރުވިނަމަވެސް ކާމިޔާބުވާނެކަމަށް ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީން ކޮންމެ ނަތީޖާއެއް ނިކުތަސް އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

ރައިސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދު ކުރާ ސަރުކާރެއް ނޫންކަމަށާއި ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުން ހޮވަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަަށް ދީފައިވާ ބާރުތައް ހަނިކޮށް، ސަރުކާރަށް ބާރުތައް ޖަމާކުރަން އެތައް ބަދަލެއް މި ސަރުކާރުން ގެނެސްފައިވާތީ ރައީސް ޞާލިހު ވަނީ ފާޑުވިދާޅުވެފައެވެ.