މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މިހާރުގެ ކައުންސިލަރު، ސައިފް ފާތިހު އާ ވާދަކޮށް މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓު ހަދީޖާ މުހައްމަދު (ހައްޖަ) ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޯޅި އުތުރު ދާއިރާގެ ޓިކެޓު ހައްޖަ ކާމިިޔާބުކުރީ 67.4 އިންސައްތަ ހޯދައިގެންނެވެ. ހައްޖައަށް ޖުމުލަ 85 ވޯޓު ލިބުނުއިރު، ސައިފްއަށް ލިބުނީ 32 ވޯޓެވެ. އެ ދާއިރާގައި ޖުމުލަ 126 މީހުން ވޯޓުލީއިރު، ނުވަ ވޯޓު ވަނީ ބާތިލުވެފަ އެވެ.
ޓިކެޓް ލިބުނު ހައްޖަ ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ރައްޔިތުން މާޔޫސްވިޔަ ނުދޭނެ ކަމަށެވެ. އަދި، ކައުންސިލަށް އިންތިހާބުވުމަށްފަހު ވެސް ނަތީޖާ ދައްކާނެ ކަމަށް ހައްޖަ ބުނެފައިވެއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ފެނުނީ މާލެ ސިޓީ މޭޔަރުކަމުގެ ޕްރައިމަރީ އެވެ. މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ މާލޭގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް އެވެ.
އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ 1411 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމްއަށް ލިބިވަޑައިގެންނެވީ 962 ވޯޓެވެ.