އިއްޔެ ކުރިޔަށްދިޔަ ކައުންސިލު އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ އަކީ އެޕާޓީގެ ތާރީޚުގައިވެސް ޕްރައިމަރީ އިންތިޚާބެއް އެންމެ ސުލްހަވެރިކަމާ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކުރިޔަށްދިޔަ ޕްރައިމަރީކަމަށް އެޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރިޔަށްދިޔަ ޕްރައިމަރީގެ ނަތީޖާ އިއުލާންކުރުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަން ވިދާޅުވީ އިންތިޚާބުގެ ނަތީޖާ މިހާރު އެމްޑީޕީ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ. އިންތިޚާބުގައި ޖުމްލަ 65 ވޯޓު ފޮއްޓެއް ބެހެއްޓިކަމަށާއި 123 ކެންޑިޑޭޓުން ވާދަކުރި ކަމަށް ޣަފޫރު ވިދާޅުވިއެވެ.
އިންތިޚާބާ ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާއެއް ލިބިފައިނުވާކަމަށާއި ބ. ފެހެންދޫގެ ކައުންސިލުގެ ޕްރައިމަރީގެ ނަތީޖާ އެއްވަރުވެފައިވާކަމަށް ޣަފޫރު ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވީ މަސައްކަތްކުރަނީ އެއިންތިޚާބު މިހަފްތާތެރޭގައި ބޭއްވުމަށްކަމަށެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ އިންތިޚާބުން ފެނިގެންދިޔައީ ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެމްޑީޕީން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާކަމަށެވެ. އެހެންކަމުން އެހެން ޕާޓީތަކުންވެސް މިގޮތަށް ޕްރައިމަރީތައް ބޭއްވުމަށް ޣަފޫރު އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ސްކޫލް ބަންދާ ދިމާކޮށް ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދުނޫންކަމަށް ޣަފޫރު ވިދާޅުވިއެވެ. ނަމަވެސް ވޯޓުލާން ނިކުތް މީހުންގެ އަދަދެއް ޣަފޫރު ހާމައެއްނުކުރައްވައެވެ.
މީގެއިތުރުން ޣަފޫރު ވިދާޅުވީ އިންތިޚާބުން ބަލިވި ކެންޑިޑޭޓުން މޮޅުވި ކެންޑިޑޭޓުންނާއެކު ތިބޭނެކަން މިހާރުވެސް ހާމަކުރަމުން ގެންދާކަމަށާއި އެހެންކަމުން ކުރިޔަށް އޮތް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކަމާމެދު ޝައްކުނުކުރައްވާކަމަށް ވިދާޅުވިއެވެ.
"އިންތިޚާބު ފެށުނުއިރު ވަރަށް ވާދަވެރިކޮށް ކެމްޕެއިން ދިޔަނަމަވެސް އިއްޔެ ފެނިގެންދިޔައީ ވަރަށް އަމާން އެކުވެރި މާހައުލެއްގައި ވޯޓުގެ ކަންކަން ކުރިޔަށްދިޔަތަން." ޣަފޫރު ވިދާޅުވިއެވެ.
އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ކެމްޕެއިން ދިޔައީ މާލެ ސިޓީގެ މޭޔަރުގެ ޓިކެޓުގައެވެ. ބޮޑު ތަފާތަކުން މާލޭ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ އަލީ އާޒިމް އާ ވާދަކުރައްވައެވެ.