އިރާނުގައި ކުރިޔަށްދާ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު މެރުމުގެ ފަހަތުގައިވަނީ އެމެރިކާ އާއި އިސްރާއީލާ ގުޅިފައިވާ މީހުންކަމަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވިއެވެ.
އިރާނުގެ ސަރުކާރާ ދެކޮޅަށް މިހާތަނަށް ކުރިޔަށްދާ އެންމެ ބޮޑު މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ޕްރެޝަރ އިރާނަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެހެންއެކަން އޮއްވާ ޚާމަނާއީ ހޮނިހިރު ދުވަހު ވިދާޅުވީ އެތައް ހާސް ބަޔަކު މަރާ ބޮޑެތި ގެއްލުންތަކެއް އިރާނަށް ދިނުމުގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިސްރާއީލާކަމަށެވެ.
ޚާމަނާއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރެއްވީ ކުށްވެރިއެއްގެ ގޮތުގައެވެ. އިރާނުގެ ސްޓޭޓް މީޑިޔާއިން ޚާމަނާއީ އާ ހަވާލާދީ ބުނެފައިވަނީ އިރާނުގައި މިހާރު ކުރިޔަށްދާ މުޒާހަރާ އެހެން ފަހަރުތަކާ ތަފާތުވަނީ އެކަމުގައި ޓްރަމްޕް ސީދާ ގޮތުން ބައިވެރިވާތީކަމަށެވެ.
އިރާނުގެ ސަރުކާރުގެ އެކިފަރާތްތަކުން ތަކުރާރުކޮށް ގެންދަނީ މިހާރު ހިނގަމުންދާ މުޒާހަރާތައް ހަލަބޮލިކޮށް ލޭއޮހޮރުވުމަކަށް ބަދަލުކުރުމަށް ބޭރުގެ ފަރާތްތަކުން ވަކިން ޚާއްސަކޮށް އެމެރިކާ އާއި އިސްރާއީލުން ސީދާ ގޮތުން މަސައްކަތްކުރަމުންދާތަކަށް ތުހުމަތުކުރަމުންނެވެ. އިރާނުގެ ސަރުކާރުން ދައްކާ މިވާހަކަތަކަށް ބާރުލިބޭގޮތަށް އެމެރިކާގެ ރައީސް ގެންދަނީ ވާހަކަދައްކަމުންނެވެ.
ޚާމަނާއީ ވަނީ އިރާނުގެ އެތެރެ ހަމަނުޖެހުމަކަށް ވައްޓާލީ ދާޚިލީ ހަމަނުޖެހުމަކަށް ގައުމު ގެންދަން މަސައްކަތްކުރާ ފަރާތްތަކަށް އިންޒާރު ދެއްވާފައެވެ. އެމަގުން އެކަން ވިޔަ ނުދެއްވާނެކަމަށް ވިދާޅުވިއެވެ. އިރާނުން ބޭރުގައި ހިނގާ ކަންކަން އިރާނަށް ކޮންޓްރޯލްނުކުރެވުނުނަމަވެސް އިރާނުގެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކަށް އެކަމުގެ އަދަބުލިބޭނެކަމަށް ވިދާޅުވިއެވެ.
މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ސީދާ ނޭންގުނު ނަމަވެސް އެމެރިކާގައި މަސައްކަތްކުރާ ހިޔުމަން ރައިޓްސް ގްރޫޕެއްކަމުގައިވާ އެޗްއާރުއޭއެންއޭއިން ރިޕޯތްކޮށްފައިވާ ގޮތުގައި މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 3000ށް އަރާނެއެވެ. އިރާނުގެ އޮފިޝަލުންވެސް ވަނީ މުޒާހަރާގައި މީހުން މަރުވިކަމަށާއި އޭގެތެރޭގައި ސެކިޔުރިޓީ އޮފިސަރުންވެސް ހިމެނޭކަމަށް ބުނެފައެވެ. މީގެއިތުރުން މުޒާހަރާތަކުގައި 3000 މީހުން ހައްޔަރުކޮށްފައިވާކަމަށްވެސް އިރާނުގެ އޮފިޝަލުން ވިދާޅުވެއެވެ.
ޚާމަނާއީ ވަނީ މުޒާހަރާގެ ބައިވެރިން ތަކެއްޗަށާއި ތަންތަނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ހާމަކުރައްވާފައެވެ. އޭގެރެރޭގައި 250ށް ގިނަ މިސްކިތް އަންދާލުމާއި ސިއްހީ ޚިދުމަތްދޭ ތަންތަނަށް ދިން ގެއްލުން ޚާމަނާއީ ފާހަގަކުރެއްވިއެވެ.