މި ސަރުކާރު ވާނީ ދައުރު ތެރޭ ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި ހަވާލުކުރާ ފުރަތަމަ ސަރުކާރަށް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ދޫކުރާ ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ މި ދައުރުގެ ތެރޭގައި ގޯތިތައް ދީ، ރަޖިސްޓްރީ ހަދައި އިން ވަކިކޮށް ގޯތި ހަވާލު ކޮށްދެއްވާނެ ކަމަށެވެ.

މި ފަހަރު ހުޅުވާލި ފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯއްޗާއި 7،900 ފުލެޓެވެ. ދޫކުރުމަށް ހުޅުވާލި 7،900 ފުލެޓަކީ މިހާތަނަށް ފައިނޭންސް ހަމަޖެހިފައިވާ ފުލެޓުތަކުގެ އަދަދުކަމަށް ވަޒީރު ވިދާޅުވި އެވެ.

2008 ވަނަ އަހަރުގެ ފަހުން އެއްވެސް ސަރުކާރަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމައި ފުލެޓަށް މީހުން ވެއްދިފައެއް ނެތް، އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލު ކުރާނަން

ވަޒީރު

ބިން ނުވަތަ ގޯއްޗަށް އެޕްލައިކުރުމުގެ ސުންގަޑި އަކީ 4 މާރިޗު 2026 ގެ 23:59 އެވެ. އަދި ފުލެޓަށް އެޕްލައިކުރުމުގެ ސުންގަޑި އަކީ 17 އޭޕްރިލް 2026 ގެ 23:59 އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ގޯއްޗާއި ފުލެޓު ލިބޭނެ މީހުންގެ ލިސްޓެއް އެކުލަވާލުމަށް ހޭދަވާނެ މުއްދަތު އެނގޭނީ ހުށަހަޅާ ހުރިހާ ފޯމެއް އިވެލުއޭޝަންއާ ހަމައަށް ދިޔުމުން ކަމަށެވެ. ވަގުތީ ލިސްޓެއް ނެރެ މައުލޫމާތު ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން މިހާތަނަށް ފަށާފައި ނެތް މަޝްރޫއެއްގެ ދަށުން ފުލެޓާއި ގޯތި ދޫކުރުމަށް ވެސް މީގެ ތެރޭގައި ހުޅުވާލާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.