އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑް)އާއި ގުޅިގެން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް(މެޕް) އިން، ށ. ގޮއިދޫގައި ގާއިމު ކުރާ ގްރީން ހައުސްތަކުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެ އެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ބުނީ ށ. ގޮއިދޫ ފާހަގަ ކުރެވެނީ ޒަމާނީ ދަނޑުވެރިކަމަށް ލޯ ހުޅުވިފައިވާ، އަދި ދަނޑުވެރިކަމުގައި ކުރިޔަށް ދިއުމަށް ޝައުގާއި އެކު މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންތަކެއް ތިބި ރަށެއް ގޮތުގައި ކަމަށެެވެ.

އެގޮތުން އެރަށުން 10 ދަނޑެއް ރާއްޖޭގައި އެންމެ ފުރަތަމަ 5 މޮޑިއުލް ހިމެނޭ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް(އެމްގެޕް) ސެޓިފައިޑް ވެފައިވާކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

މީގެ އިތުރުން އެރަށުގައި، ދަނޑުވެރިކަމުގެ އުފެއްދުންތަކުން އަގު އެއްކޮށް ބާޒާރަށް ނެރުމަށް، ފެސިލިޓީއެއް ވަނީ ޤާއިމުކޮށް ނިމިފައެވެ. މިހާރު ކުރަމުން ދަނީ އެތަނަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތެވެ.

މެޕް ޕްރޮޖެކްޓުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ ޕްރޮޖެކްޓުތަކާއި، ތަމްރީންތައް ހިންގަމުންނެވެ.