ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.

އައިޖީއެމްއެޗުން ބުނީ އެ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭ ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ލިބޭނެ ކަމަށެވެ. ކްލިނިކް ހުޅުވީ އައިޖީއެމްއެޗް އެތެރޭގައި ހުންނަ ލުއި ބުއިމާ ޖެހިގެން ހުންނަ ކޮންސަލްޓޭޝަން ރޫމް 10ގަ އެވެ.

"ފްލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް ފުރަތަމަ ވަޑައިގަންނަވާނީ އީއާރް ޓްރައިޖަށް. ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެންގެވުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެ،" އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި ޗުއްޓީ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ގޮސްފައިވެއެވެ. އެގޮތުން 7،000 އަށްވުރެ ގިނަ މީހުން އުމްރާއަށް ދިޔަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އާންމު ގޮތެއްގައިވެސް މީހުން އުމްރާއިން އަންނަ ދުވަސްވަރު ހުމާއި ރޯގާ އިތުރުވެއެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރުގައި ރޯގާ ޖެހިގެން ރިޕޯޓްކުރީ 28،619 މީހުންނެވެ. ނޮވެމްބަރު މަހު 32،859 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރުގެ ޑިސެމްބަރުގައި ވެސް އެ އަދަދު ހުރީ 30،590ގައެވެ.