ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ނިއު ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله އާއި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ.
މިމަހުގެ 13 އިން 18 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގައި ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް، އޮނަރަބަލް އޯމް ބިރްލާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ.
މިޒިޔާރަތުގައި މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު ހެދިފައިވާ އެމް.އޯ.ޔޫގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ލޮކް ސަބާގެ ރައީސް، އޮނަރަބަލް އޯމް ބިރްލާވަނީ، އިންޑިއާއިން ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި މުވައްޒަފުން ތަމްރީނުކުރުމުގައި ލޮކްސަބާގެ ޕާލިމެންޓަރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ކަށަވަރުކޮށްދެއްވިއެވެ.