ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ދަ ޑިމޮކްރަޓްސް އިން ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ޑިމޮކްރަޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ވަގުތީ ކޮމިޓީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް، ކައުންސިލު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތާއި، ޕާޓީގެ އިދާރާއިން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހޯދައި، އިންތިޚާބަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ އެ ޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ މެންބަރުން ހަދަންޖެހޭ ގޮތް ކިޔައިދީފައެވެ.

ޑިމޮކްރެޓްސްއިން ވަނީ، އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިކަން ހުރި މެންބަރުންނަށް އީފޯމެއް ފޮނުވާނެކަން ހާމަކޮށްފައެވެ. އެ ޕާޓީން ބުނީ މިމަހުގެ ނިޔަލަށް މެންބަރުން ފޯމު ހުށަހަޅަންޖެހޭ ކަމަށެވެ. އަދި އެއް ގޮނޑިއަށް ގިނަ ކެންޑިޑޭޓުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ޕްރައިމަރީއެއް އޮންނާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ޑިމޮކްރަޓްސް ޕާޓީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. އެއީ އޭރު އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު އުފެއްދި ޕާޓީއެކެވެ. އެޕާޓީން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވާދަކޮށްފައެވެ. ނަމަވެސް މިއިން އެއްވެސް އިންތިޚާބެއް ކާމިޔާބު ކުރެވިފައެއްނުވެއެވެ.

މިފަހަކުން ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީން ކެނޑިގެންދިޔަ ބައެއް ބޭފުޅުން ވަނީ އެނބުރި އެމްޑީޕީ އާ ގުޅިވަޑައިގަންނަވާފައެވެ.