ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވައިފިއެވެ.

މޫސާ އަލީ ޖަލީލުގެ ޖަގަހަ ހުޅުވީ އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ޕީއެންސީ އޮފީހުގެ ތިރީބައިގައެވެ. ޖަގަހަ ހުޅުވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޫސާ އަލީ ޖަލީލުގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ އަލީ ޖަލީލު ވިދާޅުވީ އެޖަގަހަ އަކީ ހަމައެކަނި އެމަނިކުފާނުގެ ކެމްޕެއިން ޖަގަހަ ނޫންކަމަށާއި އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާ އެހެން ކެންޑިޑޭޓުންނަށްވެސް އެޖަގަހަ ބޭނުންކުރެވޭނެކަމަށެވެ.

މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީން މިހާރުގެ މޭޔަރ އާދަމް އާޒިމް ވާދަކުރައްވާއިރު އިސްމާއީލު ޒަރިޔަންދުވެސް ވާދަކުރައްވައެވެ.

މޫސާ އަލީ ޖަލީލު އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރެއްވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އަރުވާފައެވެ. އެ އިއްޒަތް އެރުއްވީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓެވުމަށްޓަކައި ކޮށްދެއްވި މަސައްކަތް ފާހަގަ ކުރައްވައެވެ.