ކައުންސިލު އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި އެއްވަރުވި ބ. ފެހެންދޫގެ ކައުންސިލް މެންބަރ ހޮވުމަށް ބޭއްވި އިންތިޙާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާތީ އަލުން ވޯޓުލުން ބޭއްވުމަށް އެމްޑީޕީން އިއުލާންކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ އިއުލާންކުރުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ ފެހެންދޫގެ ވޯޓުލުން މިހަފްތާތެރޭ ބާއްވާނެކަމަށް ވިދާޅުވެފައެވެ. އޭގެފަހުން އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ ވޯޓުލުން އޮންނާނީ، 20 ޖަނަވަރީ ވާ އަންގާރަ ދުވަހު 09:30 ން 15:00 އަށްކަމަށެވެ. މާލޭގައި ވޯޓުލުން އޮންނާނީ އެމް.ޑީ.ޕީ އޮފީހުގައިކަމަށާއި ބ. ފެހެންދޫގައި ވޯޓުލުން އޮންނާނީ ފެހެންދޫ ސްކޫލްގައިކަމަށް އެޕާޓީން ބުނެއެވެ.

އިންތިޚާބުގައި ޖުމްލަ 65 ވޯޓު ފޮއްޓެއް ބެހެއްޓިކަމަށާއި 123 ކެންޑިޑޭޓުން ވާދަކުރި ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ. އަދި މިއީ އެޕާޓީގެ ތާރީޚުގައިވެސް ޕްރައިމަރީ އިންތިޚާބެއް އެންމެ ސުލްހަވެރިކަމާ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކުރިޔަށްދިޔަ ޕްރައިމަރީކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލާއި ޑަބްލިޔުޑީސީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ.