ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް 24 ގަޑިއިރު ތެރޭގައި 518 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.
އެމިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން 24 ގަޑިއިރު ތެރޭގައި ފްލެޓަށް އެދި 399 އެޕްލިކޭޝަން އަދި ބިމަށް އެދި 199 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ޑްރާފްޓް ސްޓޭޓްގައި 3836 އެޕްލިކޭޝަންވާކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.
އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ https://boahiyaavahikan.housing.gov.mv/ މެދުވެރިކޮށެވެ.
ބިމަށް އެޕްލައިކުރުމުގެ ސުންގަޑި އަކީ 4 މާރިޗު 2026 ގެ 23:59 އެވެ. އަދި ފުލެޓަށް އެޕްލައިކުރުމުގެ ސުންގަޑި އަކީ 17 އޭޕްރިލް 2026 ގެ 23:59 އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން މައިގަނޑު 2 ކެޓަގަރީއަކާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކެއް ވާނީ ހިމަނާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10،000 ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3000 ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ރަށްވެހިންގެ ކެޓަގަރީއިންނާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. ޚާއްޞަކޮށް މާލޭގެ ވަކިގެއަކަށް ނިސްބަތްނުވާ ގޮތަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން 1000 ގޯއްޗާއި 1000 ފުލެޓު ވާނީ އިޢުލާނުކުރެވިފައެވެ.
މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ޢާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ ޢާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށެވެ.