ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "އެކްރޮސް މޯލްޑިވްސް 2026"ގެ ނަމުގައި ކަނޑު އަޑީގައި ރެކޯޑެއް ހެދުމަށް ކުރިއަށްގެންދާ ތާރީޚީ ހަރަކާތެއް އިއުލާންކޮށްފިއެވެ.

ވީއެމްސީން ބުނީ ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން 23 ޖެނުއަރީ 2026ގައި ފަށާ މި ހަރަކާތުގައި ތިން އަތޮޅަކަށް ކަނޑުއަޑިން ދަތުރުކުރުމަށް އަމާޒުހިފާފާވާކަމަށެވެ.

ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ދަތުރުގައި 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރާނެއެވެ. މި މުއްދަތުގެ ތެރޭގައި 55 ފަހަރު ފީނައި، 'ޑައިވަރ ޕްރޮޕަލްޝަން ވެހިކަލް' (ޑީޕީވީ) ބޭނުންކޮށްގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރާނެއެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، އެޑްވެންޗަރ ޓޫރިޒަމްގެ ތެރެއިން ރާއްޖެއަކީ "ކަނޑުގެ ގައުމެއް" ގޮތުގައި ދުނިޔެއަށް ދައްކުވައިދީ، ކަނޑުއަޑީގެ ހަރަކާތްތަކާއި ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން އިޝްތިހާރުކުރުމެވެ. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި، ތަފާތު ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތަކުގެ އިތުރުން، ދިވެހިންނާއި ކަނޑާއި އޮތް މުހިންމުކަމާއި ސަގާފީ ގުޅުން ދައްކުވައިދޭނެއެވެ.

މި ދަތުރުގެ ތެރެއިން ޕާޓްނަރުންނާއި ރަށު ކައުންސިލްތަކުގެ ހެޔޮ އެދުންތަކާ އެކު، ބައެއް ރަށްރަށުގައި ޑައިވަރ ޝަފްރާޒް މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެތެރެއިން ރަށްރަށަށް ކުރާ ޒިޔާރަތްތަކުގެ ޚާއްޞަ ފޮޓޯއާއި ވީޑިއޯގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ތަފާތު ވާހަކަތަކާއެކު ދުނިޔެއަށް ފެންނާނެހެން ޑޮކިއުމަންޓް ކުރެވޭނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވިސިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.