ވަޔާއި ކަނޑު ދަތުރުފަތުރުގެ ހާދިސާތައް ތަޙްޤީޤުކުރުން ސޭފްޓީ ބޯޑުގެ ދަށަށް ބަދަލުކޮށްފިއެވެ.

ވައިގެ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓުތައް ތަޙްޤީޤު ކުރުމުގެ މަސައްކަތްތައް އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީގެ ދަށުން ނަގާ، މޯލްޑިސްވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިއާއެކު މި މަސައްކަތް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމަ ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަމީން ވަނީ، ބޯޑުގެ މެންބަރުންނާއި އަދި އިސްފަރާތްތަކާއި ބައްދަލުކުރައްވާ، ބޯޑުގެ މަސައްކަތްތަކާއި މި ދާއިރާ ހަރުދަނާ ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިއީ، ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށާއި މުޅި ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބޯޑުގެ މަސައްކަތުގެ ތެރޭގައި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކްސިޑެންޓުތައް ތަޙުޤީޤު ކުރުމާއި، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާއި ޤަވާއިދުތައް ހަރުދަނާ ކުރުމާއި، ދާއިރާއިން ދިރާސާތައް ކުރުމާއި، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށް މައުލޫމާތުދެއެވެ.