ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ޓިކްޓޮކްގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވައިފިއެވެ.

އިޤްތިޞާދީ ވުޒާރާއިން އެކްސް ގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސްވިޒަލޭންޑުގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ތެރެއިން، އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު ވަނީ ޓިކްޓޮކްގެ މެޓަޕްސާ ސަރަހައްދުގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރު ގެލެންއާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ނުވަތަ މޮނަޓައިޒް ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔަ ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުނެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ އެއްގޮތަށް، ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކުން މަންފާ ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކަން ފާހަގަކޮށް މީގެ ކުރިންވެސް ޓިކްޓޮކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، މިކަމާ ގުޅޭ ގޮތުން އެ ވުޒާރާއާއެކު މަޝްވަރާތަކެއް ކޮށްފައިވާކަމަށް އިޤްތިޞާދީ ވުޒާރާ އިން މައުލޫމާތުދެއެވެ.

އެ ބައްދަލުކުރެއްވުމުގައި ވަޒީރު ސަޢީދު ވަނީ މިފަދަ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކާއެކު ގާއިމުކުރެވޭ ގުޅުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ފުރުސަތުތައް ފަހިވެ، އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް ޓިކްޓޮކާއެކު ގާތް ގުޅުމެއް ބާއްވައި، އަމަލީ ނަތީޖާއަކާ ހަމައަށް ދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރިގޮތް ހޯދުމަށްޓަކައި ރީޖަނަލް އޮފީސްތަކާވެސް ވާހަކަދައްކަން ފަށާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރާއިރު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށްވެސް މިހާރު އެދިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.