ދިވެހި ވަޠަނީ ޚިދުމަތުގެ ބައިވެރިންނަކީ ނަފްސާނީ އަދި ޖިސްމާނީގޮތުން ހަށިހެޔޮ ބަޔަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރުގެ ބައިވެރިން މިއަދު ޅ.މާފިލާފުށްޓަށް ފުރުމާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މިޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރުގެ ބައިވެރިން ތަމްރީނަށް ފުރާފައިވާކަމަށެވެ. އެގޮތުން 350 ޒުވާނުންނާއެކު ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ ދެވަނަ ބުރު ބައިނަލްއަޤްވާމީ ތަޢުލީމާބެހޭ ދުވަހުގައި ފެށިގެން ދިއުމަކީވެސް ޚާއްޞަ އުފަލެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމެ އިތުރުން ފީލްޑް އެކްޓިވިޓީތަކާއި ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް މި ތަމްރީނުގައި ކުރިއަށްގެންދެވޭކަމަށް ރައީސް ވިދާޅުވިއެވެ.

މި ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ ޒުވާނުންތަކަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަޚުލާޤާއި ސުލޫކު ރަނގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެކަމަށާއި އަދި، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް މި ޒުވާނުން ވެގެންދާނެކަަށް ރައީސް ވަނީ ވިދާޅުވެފައެވެ.