އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ފަހިވާގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީ އިން މިއަދު ތުހުމަތުކޮށްފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ކައުންސިލް އިންތިހާބަށް ހަމަޖައްސާފައިވާ ތަރުޖަމާން، ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ފަހިވާ ގޮތަށް އިލެކްޝަނުން އަމަލުކުރަމުންދަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ޖާގަ ނުދިނުމަށްޓަކައި ކަމަށެވެ.

ޕީއެންސީން އިލެކްޝަނުގެ ޑޭޓާއަށް އެކްސަސްވާ ކަމަށް އެމްޑީޕީން ތުހުމަތު ކުރުމުން، ޑޭޓާއަށް އެކްސަސްވެވޭނީ ހަމައެކަނި އިލެކްޝަންސް އިން ހުއްދަ ދޭ ބަޔަކަށް ކަމަށް އިލެކްޝަނުން ބުނެފައިވާކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ޕީއެންސީން ޑޭޓާތަކަށް އެކްސަސްވަނީ އިލެކްޝަނުގެ ހުއްދައާއެކުގައި ކަމަށެވެ.

އިލެކްޝަނުން ކުރަމުން ގެންދާ ކަންތައްތައް ހުއްޓާލައި، މިނިވަން އިންސާފުވެރި އިންތިހާބެއް ކުރިއަށް ގެންދަން ޖާގަ ދިނުމަށް ވަހީދު ވަނީ ގޮވާލާފަ އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ދިމާވާ ކަންތައްތަކާ ގުޅިގެން ދަތިތައް ދިމާވާތީ، އެމްޑީޕީން ވަނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްދިނުމަށް އެދިފަ އެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 15:00އާ ހަމައަށެވެ.