ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މާފަންނު ކެމްޕެއިން އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ފަލާހު ވިދާޅުވީ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް ހުރި ނަމަވެސް އިންތިޚާބުގައި ގިނަ ޕާޓީތަކުން ވާދަކޮށްފައި ނުވާ ކަމަށެވެ.

އިންތިޚާބުގައި ވާދަކޮށްފައި ވަނީ އެމްޑީޕީއާއި ޕީއެންސީކަން ފާހަގަކުރައްވައި، ފަލާހު ވިދާޅުވީ، 'ތަންކޮޅެއް އަޑުގަދަކޮށް' އުޅޭ ޕާޓީތަކުން އެއްވެސް ކެންޑިޑޭޓުން ކުރިމަތިލައިފައިނުވާ ކަމަށެވެ.

ނަމަވެސް، ގިނަ އަދަދަކަށް މިނިވަން ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކޮށްފައިވާކަން ފަލާހު ފާހަގަކުރެއްވިއެވެ.

ފަލާހު ވަނީ، އިދިކޮޅު މައި ޕާޓީއަށް އެމްޑީޕީއަށް ވެސް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ޕީއެންސީއާއި އެމްޑީޕީއަކީ ވަރަށް ތަފާތު ދެ ވިސްނުމެއްގެ ޕާޓީތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ޕާޓީން ގެންގުޅޭ ސިޔާސަތުތަކާއި ވިސްނުމާއި އުޅުން ވެސް ވަރަށް ބޮޑަށް ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ވަނީ، ލޯކަލް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް 98 ޕަސެންޓު ލިބޭނެ ކަމަށް ލަފާކުރައްވާފައެވެ.