ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި، "ބްރައިޓް މައިންޑްސް" ޓިއުޝަން ސެންޓަރުގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ކުރެވެނީ 2 އަހަރުވަންދެން ކުޑަކުއްޖަކަށް އެކިފަހަރު މަތިން ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހމ. ޚައިރާތު / މާލެ، ޢަލީ އަފްލަޙު (27އ) ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އެނބުރި ރާއްޖެ އައުމާ އެކުގައެވެ.
ފުލުހުން ބުނީ ޢަލީ އަފްލަޙުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.
ޢަލީ އަފްލަޙު ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.