ކައުންސިލަށް އިންތިހާބުކުރާ މެންބަރުންނަކީ ވެރިންނަށް ސަނާކިޔަން އިންތިހާބުކުރާ ބައެއް ނޫން ކަމަށާއި އަދި އެއީ ވެރިން ބުނާހާ އެއްޗެއް ބުނާ ގޮތަކަށް އާނބަސް ބުނަން ތިބޭ ބައެއް ވެސް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ތިނަދޫ ސިޓީގައި ލޯކަލް ކައުންސިލް އިންތިހާބާއި އތމ. ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރުމަށް އެމްޑީޕީން ރޭ ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޞާލިހް ވިދާޅުވީ ޑީއާރުޕީ، ޕީޕީއެމް އަދި ޕީއެންސީގެ ފިކުރުގައި މިހާތަނަށް ރާއްޖޭގެ ވެރިކަން 9 އަހަރު ކޮށްފައިވާ ކަމަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ 5 އަހަރާއި، ރައީސް ޑރ. މުހައްމަދު ވަހީދުގެ 2 އަހަރުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މިވީ 2 އަހަރު ހިމެނޭހެން ކަމަށް ރައީސް ޞާލިހް ފާހަގަކުރެއްވިއެވެ. ނަމަވެސް ތިނަދޫ ސިޓީގެ ބޯހިޔާވަހިކަމުގެ ބޭނުމަށް އެއްވެސް މަސައްކަތެއް އެއިން ސަރުކާރަކުން ކޮށްފައިނުވާ ކަމަށާއި ތިނަދޫގައި ބޯހިޔާވަހިކަމާ ގުޅޭގޮތުން ވިޔަސް އަދި މަގު ހެދުމުގެ މަސައްކަތެއް ވިޔަސް ކޮށްފައިވަނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުތަކުގައި ކަމަށް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ތިނަދޫއަކީ ބޮޑު ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ ހުރިހާ ފުރުސަތެއް އޮތް ރަށެއް ކަމަށާއި އެމްޑީޕީގެ ތަސައްވުރަކީ ތިނަދޫ އަކީ 20 ނުވަތަ 30 ހާހުގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއަކަށް ހެދުން ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތަކީ ބާރުތައް ދޫކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީ ގެނައުން ކަމަށާއި އެ ޕާޓީގެ ސިޔާސަތަކީ ބާރުތައް ދޫކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީ ގެނައުން ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

"ކައުންސިލަށް އިންތިހާބުކުރާ މެންބަރުންނަކީ ވެރިންނަށް ސަނާކިޔަން އަޅުގަނޑުމެން އިންތިހާބުކުރާ ބައެއް ނޫން. ވެރިން އެ ބުނާހާ އެއްޗެއް ބުނާ ގޮތަކަށް އާނބަސް ބުނަން ތިބޭ ބައެއް ވެސް ނޫން. ކަމެއްގެ ވާހަކަ ބުނީމާ އެއީ ކުރެވޭނެ ކަމެއްތޯ އަމިއްލަ ސިނކުޑިން ވިސްނަން ޖެހޭ. ހާއްސަކޮށް ކަންކަމާއި ހަވާލުވެ ތިބި އިސްވެރިން. " ރައީސް ޞާލިހް ވިދާޅުވިއެވެ.

ފުރަތަމަ ރިޔާސީ އިންތިހާބުގައި ތިނަދޫއަށް ރައީސް މުޢިއްޒު ވަޑައިގެން ވިދާޅުވީ ތިނަދޫއާއި ކާޑެއްދޫ ބުރިޖަކުން ގުޅާލާ ވާހަކަ ކަމަށާއި އޭގެ 3 މަސްފަހުން ވަޑައިގެން ވިދާޅުވީ އެ ރަށުގައި ބިން ހިއްކައިގެން ފްލޯޓިންގ ޓަރމިނަލްއަކާ އެކީގައި، މި ސަރަހައްދުގައި ނެތްވަރުގެ ސިޓީއެއް ތިނަދޫގައި ގާއިމްކުރާ ވާހަކަ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް މުޢިއްޒު ވަޑައިގެން ދެއްކެވި މަންޒަރުތައް ބިލާހަކަށް ވެެފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިހް ވިދާޅުވީ މިހެން ދޫކޮށްލައިގެން ތިބެން ވެއްޖެނަމަ ގައުމު ބީވެގެން ހިނގައިދާނެ ކަމަށާއި ނަމަވެސް އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި އެކަަމަށްޓަކައި އެމްޑީޕީ އިސްވެ އޮންނާނެ ކަމަށެވެ.