މައިމުޅަވުމުން ވެސް ތަރިކައިން ގޯތި ލިބޭ ގޮތް ހަދަން ބިމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމްއެވެ.

އެގޮތުން އެ ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

އެ ބިލު ހުށަހަޅާފައި ވަނީ މައި މުޅަވުމުގެ ސަބަބުން ބިމުން ނުލިބޭ ހާލަތްތަކެއް ގާނޫނުން ކުރިމަތިވަމުންދާތީ އެވެ. އެ ބިލުގައި ބުނީ އެ ބިލު ހުށަހަޅާފައި ވަނީ އެފަދަ ހާލަތްތަކެއް ކުރިމަތިވަމުން އަންނާތީ، މުޖުތަމަތުގެ ތެރޭގައި އަދި އާއިލާގެ މެދުގައި އަރާރުން އުފެދި މައްސަލަތައް ކުރިމަތިވަމުން ދިއުމަކީ، ބޭއިންސާފު ހާލަތްތަކެއް ކުރިމަތިވަމުންދާ ކަމަކަށްވާތީ މައިމުޅަވާ ކުދިންނަށް ބިމުން ނުލިބޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.

މިގޮތުން މި ބިލުގައި ބުނެފައިވަނީ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންނާއި އަދި ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ލިބިދޭން ޖެހޭނެ ކަމަށެވެ.

މައިމުޅަވާ މީހުންނަށް ތަރިކައިން ބަންޑާރަ ގޯއްޗެއް ލިބޭ ގޮތަކަށް މިހާރު ގާނޫނުގައި ނޯވެއެވެ.މިހާރު ގާނޫނުގައިވާގޮތުން ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި، އެ ގޯއްޗެއް ވަކިގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެނީއެވެ.