އަލަށްގެނައި 20 ރުފިޔާ އާއި 100 ރުފިޔާގެ ނޫޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދައުރުކުރަން ފަށައިފިއެވެ.

އަލަށް ނެރުނު މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ.

އެމްއެމްއޭ އިން ބުނީ މިއީ އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތަށް އައުކުރުމަށް ނެރޭ އައު ބެޗެއް ކަމަށެވެ.

އަފި މި ނޫޓުތައް ދައުރުކުރަން ފަށާފައިވަނީ މިއަދުން ފެށިގެން ކަމަށާއި މީގެ ތެރޭގައި ހިމެނެނީ މި އަހަރުގެ ފެބުރުވަރީ 2 ގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، ފެބުރުވަރީ 15 ގައި ލިބުނު 20 ރުފިޔާގެ ނޫޓުތައް ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ.

މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެކެވެ.

މި ފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ.

މީގެ ތެރެއިން 20 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ވަނީ ހިމަނާފައެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ.

އެމްއެމްއޭ އިން ބުނީ 7 ޖުލައި 2024 ގެ ތާރީޚުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާއި އެއްގޮތަށް 100 ރުފިޔާގެ މި އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ.

އެމްއެމްއޭ އިން އިތުރަށް ބުނީ އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

އަދި އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދީފައި ވެއެވެ.