މި އަހަރުގެ ރަމަޟާން މަހުގެ ހަނދު މިރޭ ފެންނަން ހުންނާނެ ކަމަށް ދައްކާތީ، ފުރަތަމަ ރޯދަ ދުވަހަށް މާދަމާ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވާނެކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށް ވިދާޅުވެ، ހުރިހާ މުސްލިމުންނަށް ރޯދައިގެ ތަހުނިޔާ ފޮނުއްވައިފައެވެ.
ރައީސް މައުމޫނަކީ ފަލަކީ އިލްމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވައި، އެ ދާއިރާ ދިރާސާކުރައްވާ ބޭފުޅެކެވެ.
ރޯދަ ހިފަން ފަށާނީ ހަނދު ސާބިތުވުމުންކަމަށް ކަނޑައަޅާއިރު އެކަން ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީންނެވެ. ރާއްޖޭގައި މިފަހަރު ހަނދު ސާބިތު ކުރުމަށް ބާއްވާ ބައްދަލުވުން އޮތީ މިރެއެވެ.
ރާއްޖޭގެ ކަލަންޑަރު އޮތް ގޮތުންވެސް މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް އިސްލާމީ ބައެއް ގައުމުތަކުން ވަނީ ރަމަޟާން މަސް ފެށޭނީ މިމަހުގެ 19 ވަނަ ދުވަހުކަމަށް ބުނެފައެވެ.
ރާއްޖެއަށް ބަލާއިރު މާލެއަށް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމައްޗަކު ނުހުންނާނެ އެވެ. އެކަމަކު ރާއްޖޭގެ އެންމެ ދެކުނުން، އައްޑުއަށް އިރު އޮއްސޭއިރު މިނެޓަކަށް ވުރެ ކުޑަ އިރުކޮޅަކު ހަނދު ފެންމަތީ ހުންނާނެ އެވެ. އެހެންވެ ހަމަ ލޮލަށް ހަނދު ނުފެނުނު ކަމުގައި ވިޔަސް، ފަލަކީ ގޮތުން ބަލާއިރު ރާއްޖެއަށް ރަމަޟާން މަސް ފެށޭނެ ކަމަށް ބެލެވޭނެ އެވެ. އަދި ސައޫދީ އަރަބިއްޔާއަށް ވެސް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ އެވެ.
ހަނދު ސީދާ ލޮލަށް ނުފެނުނު ނަމަވެސް ފަލަކީ ހިސާބަށް ބަލައިގެން ވެސް ހަނދު ސާބިތު ކުރުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. އަދި ރާއްޖެއަށް ހަނދު ނުފެނިއްޖެ ނަމަ، އިސްލާމީ ގައުމަކަށް ހަނދު ފެނިގެން އެ އެކަން އަންގައިފިނަމަ، ޖެހިގެން އަންނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް ރާއްޖޭން ވެސް ކަނޑައަޅައެވެ.