ކުރީގެ އިންޓަރނޭޝަނަލް އެއާޕޯޓަށް، ޑޮމެސްޓިކް ޓާމިނަލް ބަދަލުކުރުމާ ގުޅިގެން އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް މިރެއިން ފެށިގެން ބަދަލު އަންނާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ މި ބަދަލަށް އަމަލުކުރަން ފަށާނީ މިރޭގެ 08:00 އިން ފެށިގެންކަމަށެވެ.

ޓާމިނަލްގެ ހިދުމަތަށް ބަދަލު އައި ނަމަވެސް، އެއާޕޯޓްގައި ބަހުގެ ހިދުމަތް ދޭ ގޮތަށް ބަދަލު ނާންނާނެކަމަށާއި، ބަސްތައް މަޑުކުރާނީ މިހާރުވެސް ބަސް ހުއްޓިތައް ހުރި ސަރަހައްދުތަކަށްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެއާޕޯޓުން ހިދުމަތް ހޯދާ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުންވެސް މި ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް 1ގެ ޓެކްސީ ކިއުއެވެ. މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާކަމެކެވެ.