ރޯދަ މަހު ޓޫރިސްޓުންނަށް ކެއުން ބުއިމުގެ ހިދުމަތް ދިނުމުގައި އިސްލާމީ ރީތި އާދަތަކަށް އިހުތިރާމްކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން އެދިއްޖެއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރޯދަ މަހު ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި ރާއްޖޭގައި އޮންނަ އިސްލާމީ ރީތި އާދަތަކާއި ދީނީ އެއްބައިވަންތަކަން އަދި އިސްލާމްދީނަށް ދިވެހިން ކުރާ އިހުތިރާމާއި ގަދަރާއި އިސްލާމީ ވަހުދަތު ދަމަހައްޓަން ބާރު ލިބޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރަން ހާއްސަ ސަމާލުކަމެއް ދޭން އެދިފައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި އާއްމުންނަށް ނުފެންނާނެ ގޮތަށް ޓޫރިސްޓުންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމާއި އިންތިޒާމެއްގެ ދަށުން އެ ހިދުމަތް ދިނުމާއި މަގުތަކާއި އާއްމު ތަންތަނުގައި ރޯދަ މަހުގެ ހުރުމަތް ނުކެނޑޭގޮތަކަށް ޓޫރިސްޓުންގެ އަމަލުތައް ބަހައްޓަން ބާރު އެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން، ރޯދަ މަހު މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުންގެ އަމަލުތައް ބަހައްޓަންޖެހޭނެ ގޮތުގެ މައުލޫމާތު ޓޫރިސްޓުންނަށް ހިއްސާކޮށްދިނުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

"ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދެއްވާ އެންމެހާ ފަރާތްތަކުން، އިސްވެ ދެންނެވިފައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި ކައުންސިލްތަކުން އެކަންކަމަށް ފާރަވެރިވުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެއެވެ.