ކުރިއަށް އޮތް ރަމަޟާންމަހު އެމްއެމްއޭއާއި ބޭންކުތަކުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބީއެމްއެލް ހުޅުވާފައި ހުންނާނީ، ހެނދުނު 09:30 މެންދުުރު 12:30 އާ ހަމައަށް ކަމަށާއި ރަމަޟާންމަހުގެ ފުރަތަމަ ދުވަހު އެބޭންކު ބަންދުވާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ، ރަމަޟާންމަހުގެ މި ވަގުތުތަކުގައި ބޭންކް ހުޅުވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން އިސްލާމިކް ބޭންކް، އެމްއައިބީން ހިދުމަތްދޭ ގަޑިތަކަށް ބަލާއިރު ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ހަމައަށް ބޭންކިންގެ ހިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

ބީއެމްއެލާއި އެމްއައިބީން މި ރަމަޟާން މަހު ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފައިވާއިރު، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންވެސް ވަނީ ރޯދަމަހު ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފައެވެ. އެގޮތުން ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރެއިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަލާއިރު، ބޭންކިންގެ ހިދުމަތުގެ ދަށުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:30 އިން މެންދުރު 12:30 އާ ހަމައަށް ފޯރުކޮށްދެމުންދާނެ ކަމަށާއި، ހަމަ އެވަގުތުތަކުގައި ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަންނަމުންދާނެ ކަމަށްވެސް މަރުކަޒީ ބޭންކުން ބުނެއެވެ.

ރަމަޟާން މަހަކީ، އޮފީސްތަކުގައި މަސައްްކަތް ކުރާ ވަގުތުތަކަށްވެސް ބަދަލު އަންނަ މަހެއްކަން ފާހަގަކޮށް، ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.