ކ.މާފުށީގައި އައު ނަރުދަމާ ނިޒާމެއް ގާއިމްކުރުމާއި، އެރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިން ފަށައިފިއެވެ.

މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ، އެކަމަށްޓަކައި މިއަދު މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއު ފައްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑައިރެކްޓަރ އަބްދުލް މަތީން މުހައްމަދު އެވެ. މިރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި، ސީނިއާ މެނޭޖްމަންޓް ޓީމް ބައިވެރިވެވަޑައިގަތެއެވެ

މާފުށީގައި އައު ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ތެރެއިން، އެރަށުގައި ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ އިތުރުން ނަރުދަމާ އައުޓްފްލޯއެއް އެޅުމާއި، މި މަޝްރޫއު ނިންމުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަށް ސަރުކާރުން 57،402،888 (ފަންސާސް ހަތް މިލިއަން ހަތަރު ލައްކަ ދެހާސް އަށްސަތޭކަ އަށްޑިހަ އަށް ރުފިޔާ) ހަރަދު ކުރެއެވެ. އަދި މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި، ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން، އެ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމުގެ އިތުރުން، ނަރުދަމާ ޖަންކްޝަން ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، މި މަޝްރޫއުގެ ތެރެއިން އައުޓް ފޯލް އެޅުމާއި، ދުވާލަކު 1500 ޓަނުގެ ފެން އުފެދޭވަރުގެ 2 ޓޭންކު ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭވަރުގެ 2 ޓޭންކު ބެހެއްޓުމުގެ އިތުރުން، ފެން މީޓަރުތައް ބެހެއްޓުމާއި، އައުޓްފޯލް އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި މަޝްރޫއު ނިންމުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރުން ހިމެނެއެވެ. މި މަޝްރޫއަށް ސަރުކާރުން 128،605،793 (ސަތޭކަ އަށާވީށް މިލިއަން ހަލައްކަ ފަސްހާސް ހަތްސަތޭކަ ނުވަދިހަ ތިން ރުފިޔާ) ރުފިޔާ ހަރަދު ކުރެއެވެ.

މި ދެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ، އެމްޑަބްލިޔުއެސްސީއާއެވެ. އެ ކުންފުންޏާ މި ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ، 571 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.