ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުވެގެން ދިޔުމަކީ ދިވެހި ރައްޔިތުންނަށާއި އިގްތިސާދަށް ފައިދާހުރި ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަގީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިމިފަދައިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގެ އޮޕަރޭޝަންސްތައް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓާމިނަލް ހުޅުވި، މިވީ ކުރު މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ޑޮމެސްޓިކް ހިދުމަތްތައްވެސް ބޮޑު އަދި ޒަމާނީ ޓާމިނަލަކަށް މިއަދު ބަދަލުވެގެން ދިއުމަކީ އެއަރޕޯޓުން ދެމުންގެންދާ ހިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި ގެނެވުނު ބަދަލާއެކުގައި ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދަށް ވަރަށް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ޑޮމެސްޓިކް ޓަރމިނަލަކީ ގިނަ ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ މައި ދޮރާއްޓަށްވާއިރު މި ޓާމިނަލް އިތުރަށް ތަރައްގީކުރުމަށް މީގެކުރިން މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތްކަމަށް ނައިބު ރައީސް ވިދާލުވިއެވެ. އަދި ޑޮމެސްޓިކް ޓަރމިނަލް ބޭނުންކުރާ ފަރާތްތަކަށް އެ ޓާމިނަލަކީ ބޮޑު ތަކުލީފަކަށްވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިކަމުގެ ސަބަބުން އިގްތިސާދީގޮތުން އެޓާމިނަލުން ދިވެހިރައްޔިތުންނަށް ލިބެންޖެހޭ ނަފާ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައިއޮތްކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 2 އިފުތިތާހު ކުރެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމާއެކު، މި ތަކުލީފުތަކަށް އަވަސް އަދި ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތުންކަމަށެވެ. އަދި މި މަސައްކަތްޕުޅުގެ ތެރެއިން، މިއަދު، ޑޮމެސްޓިކް އާ ޓަރމިނަލް ނިމި، ހުޅުވިފައި މިވަނީ، ކުރިއަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، އެހާމެ ހިތްފަސޭހަ އަދި އިތުރު ހިދުމަތްތަކާއެކުގައި ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މިއީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އިގްތިސާދީ ގޮތުން ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، ހިކުމަތްތެރި ސިޔާސަތުތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ފެންނަމުންދާ ހެޔޮބަދަލުތަކެއްކަމަށެވެ.
ނައިބުރައީސް ވިދާޅުވީ، އުންމީދަކީ މި ޓާމިނަލުން ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ އަދި ހިދުމަތްތަށް އަވަސްވެ، ޒަމާނީ ފެންވަރުގެ ހިދުމަތެއް ލިބި، މިއީ ޓާމިނަލްގެ ކުރިމަގަށް އެޅޭ މުހިންމު ފިޔަވަޅަކަށްވުން ކަމަށެވެ.